ބުރާސްފަތި ދުވަހު ތިން ވުޒާރާއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ވުޒާރާތަކުގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ އަދި އިމާރާތްކުރުމާއި ބިނާވެށްޓާ ބެހޭ ވުޒާރާ ހިންގަމުންދިޔަ އިމާރާތް އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން، އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައިވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވެފައިވެއެވެ. މި އިމާރާތަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އައި އިމާރާތެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން މި ތިން ވުޒާރާއިން ދެމުން ގެންދިޔަ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑުނެވެ. ނަމަވެސް، ވުޒާރާތަކުގެ މަސައްކަތްތައް ކުރުމަށްޓަކައި ވަގުތީގޮތުން ދަރުބާރުގެ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މި ވުޒާރާތައް ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް އަލިފާނުގެ ހާދިސާ ހިނގި ދުވަހު ވަނީ ފަށާފައެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި ވުޒާރާތަކުގެ މުވައްޒަފުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއި އެހީތެރިކަމާއެކުގައެވެ. އެގޮތުން މި ވުޒާރާތަކުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ޖާގަތަކާއި، އިދާރީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ޖާގަތަކުގެ އިތުރުން މީޓިން ރޫމުތަކުގެ ސެޓަޕްތައް ދަރުބާރުގޭގައި ވަނީ ޤާއިމުކޮށްފައެވެ. އަދި އެތަނަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާނެ ތަނެއްކަމަށްވުމުން އިމާރާތް ފިނިކުރުމަށްޓަކާ އިތުރަށް އޭސީ ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.
މި ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައި މިވަނީ ގާތްގަނޑަކަށް 48 ގަޑިއިރުގެ މަސައްކަތުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.