ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފިއެވެ. އެ ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި މި ސާވޭ ކުރިއަށްދާނީ ޑިސެމްބަރ 15 އިން 21 އަށެވެ
މި ސަރވޭ ކުރިއަށްގެންދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކަށް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން މަޢުލޫމާތު ދީފައިވެއެވެ. މި ސާވޭ އަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު ތަފާސް ހިސާބު އެއްކުރުމަށްޓަކައި ކުރެވޭ މުހިންމު ސަރވޭއެއް ކަމަށް އެ ބިއުރޯއިން ފާހަގަކޮށްފައިވެއެވެ. ސާވޭގައި މައުލޫމާތު ނަގާނެ މައިގަނޑު ބައިތަކުގެ ތެރޭގައި މީހުންގެ އާންމު މައުލޫމާތު، ހިޖުރަކުރުން، ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފުސީލު، އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައި ނުވާ އާބާދީގެ ތަފްސީލް، އަދި ހިލޭ ސާބަހަށް ކުރާ މަސައްކަތުގެ ތަފްސީލް ހިމެނެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި މި ސަރވޭއަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބު ޤާނޫނުގެ ދަށުން ހުއްދަ ލިބިގެން ކުރާ ސާވޭއެކެވެ. އަދި މި ސާވޭއިން އެއްކުރެވޭ ވަކި ފަރުދެއް ނުވަތަ ގޭބީސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެއް ކަމަށް ވެސް އެ ބިއުރޯއިން ބުނެފައިވެއެވެ.
މި ސާވޭއިން އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތް، މަސައްކަތް ލިބިފައި ނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު މަޢުލޫމާތުތައް ދެނެގަނެވޭނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ހާމަކޮށްފައެވެ. އަދި މި މައުލޫމާތަކީ ގައުމުގެ އިގުތިސާދީ ސިޔާސަތުތައް އެކުލަވާލުމުގައި ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށްވެސް އެ ބިއުރޯއިން ވަނީ ފާހަގަ ކޮށްފައެވެ.
ސަރވޭގައި ބައިވެރިވުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއްކަން ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ހަނދާން ކޮށްދީފައެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން، ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަކީ އާންމުންގެ މަސްއޫލިއްޔަތެކެވެ.
މި ސަރވޭއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތު ދެނެގަތުމަށާއި، އިގުތިސާދީ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް އެއްކުރެވޭނެ ފުރުސަތެއްކަން ފާހަގަކުރެވެއެވެ. އަދި މި ސާވޭގެ ނަތީޖާ ތަކުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ކުރިމަގުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހި ވެގެންދާނެ ކަމަށް ބެލެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.