އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން ރާއްޖޭގެ 15 އަތޮޅެއްގެ 29 ސްކޫލަށާއި ޕަބްލިކް ލައިބްރަރީތަކަށް ލައްކަ އަކަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން، ދައުލަތުގެ މީޑިއާ އަށް ދެއްވި މައުލޫމާތުގެ ތެރެއިންނެވެ.

ހައި ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ހަދިޔާކޮށްފައިވާ ފޮތްތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން، ކިޔެވުމުގައި ބޭނުންކުރާ ސްޓޭޝަނަރީވެސް ހަދިޔާކޮށްފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މި ޕްރޮގުރާމަށް އޮސްޓްރޭލިޔާގެ ބައެއް ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަންފައިވާކަން ހައި ކޮމިޝަނުން ފާހަގަކުރެއްވިއެވެ. އަދި ސްކޫލްތަކަށް ފޮތް ބަހައި، ލައިބްރަރީތަކަށް އެކަށޭނަ ފޮތްތައް ކަނޑައެޅުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ "ދި ރީޑިން ރޫމް" އިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.

ފޮތްތަކުގެ ލޮޖިސްޓިކްސް ހަމަޖައްސާފައިވަނީ ސްކޫލްތަކުން ކަމަށާއި، ރަށްރަށަށް ފޮތްތައް ގެންގޮސްދިނުމުގައި ބޯޓުފަހަރުންވެސް އެހީތެރިކަން ލިބުނުކަމަށް ހައި ކޮމިޝަނުން ހާމަކުރެއްވިއެވެ.

މިއީ އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން ފޮތް ހަދިޔާކުރުމުގެ ޕްރޮގުރާމްތައް ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީއަށާއި ތ. ގުރައިދޫ ސްކޫލަށް 500 ފޮތް ހަދިޔާކޮށްފައިވާކަން ފާހަގަކުރެވެއެވެ.