މިދިޔަ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓް މިނިސްޓްރީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީ އާއި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ކޮމެޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ ނިންމެވުމަކަށް މި ބައްދަލުވުން ބާއްވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. ކޮމެޓީގެ މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، ޑިސެމްބަރު 12 ވަނަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އަދި ފުލުހުންގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށް މި ބައްދަލުވުން ބާއްވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދޭނެ ކަމަށް ބުނެފައެވެ. އަދި މި މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އިހުމާލުގެ ގިނަ ކަންކަން ފާހަގަވާތީ ވަކި މައްސަލައެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވަނީ، މި އަލިފާނުގެ ބޮޑު ހާދިސާ ތަހުގީގު ކުރުމަށް ބޭރުގެ ފޮރެންސިކް ޓީމަކާއެކު މަސައްކަތްކުރަން ތައްޔާރުވަމުންދާ ކަމަށެވެ.