ދިވެހި ބަހަށާއި ޝަރުޢީ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާ ޏ. ފުވައްމުލަކު، ރަނިކަ، އަލީ ޝަރީފު އިބްރާހީމް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއުއްޒު ވިދާޅުވެފައިވަނީ ޢަލީ ޝަރީފް އިބްރާހީމަކީ ދިވެހިބަހުގެ އަދީބެއްކަމަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ހިދުމަތްތެރިއެއް ކަމަށެވެ. އަދި ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1981 ވަނަ އަހަރު އޭނާ ހާސިލު ކުރައްވާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަލީ ޝަރީފް އިބްރާހީމް ވަނީ 31 އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާކުރައްވާ، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވެސް ދުޢާކުރައްވާފައެވެ.
ޢަލީ ޝަރީފަކީ ދިވެހި ޅެންވެރިކަމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ޝާއިރެކެވެ. އޭނާ ވަނީ ދެކުނުގެ އަތޮޅުތަކުގައި ބޭނުންކޮށްއުޅޭ ބަސްތައް ޅެންވެރިކަމުގެ ތެރެއަށް ގެންނަވައި، ރީތި ޅެންތަކެއް ހައްދަވާފައެވެ. އަދި ޅެންވެރިކަމުގެ ތަފާތު މުބާރާތްތަކުން ކާމިޔާބު ހޯއްދަވާފައިވެސްވެއެވެ.
ޢަލީ ޝަރީފް އިބްރާހީމް ނިޔާވި އިރު 24 ގެ ކަށުނަމާދު އޮންނާނީ މިއަދު ޢަޞްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.