1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފި

މަރްޔަމް ޝަފާ ސައީދު
502ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ އަހަރު ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓު ތައްޔާރުކޮށް އެ ވުޒާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިގޮތުން އަންނަ އަހަރުން ފެށިގެން 2029 ގެ ނިޔަލަށް ލަފާކުރާ ބަޖެޓު، ސެޕްޓެންބަރު 18، 2026 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ބަޖެޓު ތައްޔާރުކުރާއިރު އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަންވާނެ ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ ތެރޭގައި ދައުލަތުން ދޭ ބްލޮކް ގްރާންޓާއި، ސަރުކާރުގެ އިދާރާތަކުން ދޭ ކޮންޑިޝަނަލް ގްރާންޓާއި، ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ ހިމަނަން ޖެހެއެވެ. ނަމަވެސް ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރުމުން، އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެންނެވެ.

300 × 250

މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި 2.47 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރުގެ މިހާތަނަށް 1.25 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރު 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުންނެވެ.

ސަރުކާރުން ވަނީ ކައުންސިލްތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާއެކު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ފައިސާ ދޫކުރުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި