36 އަހަރާއި 11 މަހާއި 21 ދުވަހުގެ ޚިދުމަތަށްފަހު މެރިން ޕޮލިސްގެ ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ މަޤާމުގައި ހުންނެވި އިބްރާހީމް އަދުނާން އަނީސް ރިޓަޔާ ކުރައްވައިފިއެވެ. މިމަހުގެ 12 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ރިޓަޔާ ކުރެއްވި ވާހަކަ އަދުނާން ހިއްސާ ކޮށްފައިވެއެވެ. އެ ޕޯސްޓްގައި އަދުނާން ވިދާޅުވެފައިވަނީ ވަޒީފާއަށް އަލްވަދާޢު ދެންނެވީ ފަޚުރުވެރި، އިޚްލާޞްތެރި މުވައްޒަފެއްގެ ހައިސިއްޔަތުންކަމެވެ. އަދި އެ މަޤާމުގައި މަސައްކަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމާއި އެންމެ ބޮޑު އިސްކަމެއް ދެއްވީ މެރިން ޕޮލިސް ހަރުދަނާކޮށް ކުރިއެރުވުމާއި އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދަކީ، ރާއްޖޭގެ ރައްޔިތުންނަށް އަމާންތަނެއް ކަމުގައި ހެދުމަށެވެ.  

"އަދިވެސް ހާސިލުކުރަންޖެހޭ ކާމިޔާބީތައް ހުރި އިރު އަންނަން އޮތް ޖީލަށް މިކަން ދޫކޮށްލީ އަޅުގަނޑުމެން އަޅާފައިވާ ހަރުދަނާ ބިންގަލުގެ މަތިން ކުރިއަށްދިއުމަށް" - މެރިން ޕޮލިސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް އަދުނާން އަނީސް

އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދާއިރާއެއް ނަމަވެސް، ސާބިތުކަމާއި އަމާނާތްތެރިކަމާއި، ވަރުގަދަ ޓީމެއްގެ އެއްބާރުލުމަކީ ކުރިއެރުން ހޯދުމަށް ލިބޭ ބާރެއްކަން އަދުނާން ފާހަނގަކުރައްވާފައިވެއެވެ.