ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިރޭ 20:30 އިން ފެށިގެން ދަމިނަމަވެސް، ދަންވަރު 2:30 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ، ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންނެވެ.
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކުރަމުން މެޓް އޮފީހުން އިތުރަށް ބުނީ، މާދަމާ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.