ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީ ގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް 'އެކްސް' ގައި ކުރި ޕޯސްޓުގައި ޝިފާން އިތުރަށް ހާމަކޮށްފައިވަނީ މިކަމަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށްޓަކައި ގެނައި ބަދަލެއްކަމެވެ. އަދި މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން މިޚިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމުގައި ވެސް ޝިފާން ވިދާޅުވިއެވެ.

އުސޫލާ ހިލާފަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ވިނަރެސްގެ ބައެއް އެޕާޓްމަންޓްތައް ލިބުނު މީހުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ލިސްޓްގައި ސީލައިފް މައްސަލާފައި ފައިސާ ދެއްކިކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށްގެން ވިނަރެސްގެ އެޕާޓްމަންޓްތައް ހޯދާފައިވާ މީހުންގެ މައުލޫމާތުތައް ހިމެނެއެވެ. މީގެ ތެރޭގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުގެ ނަންވެސް ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.

ވިނަރެސް ފްލެޓްތައް އުސޫލާ ހިލާފަށް ދިން މީހުންގެ ލިސްޓްގައި އެކި ސަރުކާރުތަކަށް ނިސްބަތްވާ ސިޔާސީ ފަރާތްތައް ހިމެނޭކަން ވެސް ފާހަގަކުރެވެއެވެ. އަދި ސީލައިފް ފެލްޓްތަކަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ފްލެޓް ނުލިބުނު ބައެއް މީހުންނަށް ވިނަރެސް ފްލެޓްތަކުން އެޕާޓްމަންޓްތައް ހަމަޖައްސައިދީފައިވާކަމަށް ބުނެވެއެވެ. މީގެ އިތުރުން، ގުލީފަޅުން އެޕާޓްމަންޓްތައް ދީފައިހުރި ބައެއް ފަރާތްތަކަށްވެސް ބަދަލެއްގެ ގޮތުން ވިނަރެސްއިން އެޕާޓްމަންޓުތައް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.