މާލީ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު ޝަފީގު, ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ބޯޑަށް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ވެބްސައިޓުން ދައްކާގޮތުގައި ޝަފީގު އެޗްޑީއެފްސީގެ ބޯޑު މެމްބަރެއްގެގޮތުގައި އައްޔަން ކުރައްވާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

ޝަފީގަކީ މީގެކުރިން ވެސް އެޗްޑީއެފްސީގެ އިސް މަޤާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަގާމުގައެވެ. މާލީ ވަޒީރުގެ މަޤާމަށް ޝަފީގު އައްޔަން ކުރެއްވީ 17 ނޮވެމްބަރ 2023ގައެވެ. ނަމަވެސް، އެ މަޤާމުން އޭނާ އިސްތިއުފާދެއްވީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

އެޗްޑީއެފްސީއަކީ ގެދޮރު ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި ކުންފުންޏެކެވެ. 2008 ވަނަ އަހަރު އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 އިންސައްތަ ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރައްވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ންނެވެ.