ޢިމާރާތްކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ އިންޑިއާގެ މަސައްކަތްތެރިންތަކަކަށް، އެމީހުންނާ ހަވާލުވެފައިވާ ކުންފުނިން އިހުމާލުވެފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހާމަކޮށްފިއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން މަޢުލޫމާތު ދިން ގޮތުގައި، ޢިމާރާތްކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ އިންޑިއާގެ 40 މަސައްކަތްތެރިންނަށް 1 މަހާއި 10 ދުވަހުގެ މުސާރަ ނުދޭކަމަށް ބުނެ އެ އޮތޯރިޓީއަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އެ މަސައްކަތްތެރިން އެނބުރި އެމީހުންގެ ޤައުމަށް ދާން ބޭނުންވާކަމަށްވެސް ހުށަހަޅާފައިވާކަމަށް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، އެ މަސައްކަތްތެރިންނާ ހަވާލުވެފައިވާ ކުންފުންޏާ މުޢާމަލާތްކުރަމުންދާކަމަށް އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މުވައްޒަފުންނަށް ފައިސާ ނުދީ އޮތް މުއްދަތަށްވާ ފައިސާ ދިނުމަށްފަހު، އެނބުރި ޤައުމަށް ދާން ބޭނުންވާ މުވައްޒަފުން ފުރުވާލުމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިން ބުނީ، އެ ކުންފުނިން ޢަމަލުކުރަމުން އަންނަގޮތް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ހާލުގައި ޖެހިފައިވާކަމަށް ބުނެ އެހީއަށް އެދިފައިވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަމުން އަންނަ ރެނާޓަސް ކުންފުނީގެ މުވައްޒަފުންތަކެކެވެ.