ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް ބޭނުންކުރެވޭ ގޮތަށް ހަދައިފިއެވެ. ޑިރެކްޓާ ޖެނެރަލް އޮފް އޭވިއޭޝަން ސެކިޔުރިޓީ، ހުސައިން ނަޒީފް ސޮއިކުރައްވައި ނެރުނު ސާކިޔުލާއެއްގައި ބުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރާ ލިޔުންތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެހެންކަމުން، އެކަން ހައްލު ކުރުމަށްޓަކައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް މި ސާކިއުލާގައި ވަނީ ބުނެފައެވެ.

އެގޮތުން މުއްދަތު ހަމަވެފައިވީ ނަމަވެސް ބޭނުންކުރެވޭނެ ލިޔުންތައް:

  • ޕާސްޕޯޓު
  • އައިޑީކާޑު
  • ވޯކް ވިސާ ކާޑު
  • ލައިސަންސް ކާޑު
  • އެއާޕޯޓު ސެކިޔުރިޓީ ފާސް
  • ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

އިތުރަށް އެ ސާކިއުލާގައި ބުނެފައިވަނީ އެފަދަ ލިޔެކިޔުމެއް އޮތް ނަމަ އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް-އިން ކުރުމާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށް ބޭނުން ކުރެވޭނެކަމަށެވެ. އަދި އެއީ މައުލޫމާތު ސާފުކޮށް އެނގެން ހުރި ލިޔެކިޔުންތަކަށް ވުން ލާޒިމުކަމަށް ވަނީ ފާހަގަކޮށްފައެެ.