ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ފެނާއި ކަރަންޓުފަދަ ޢާންމު ބޭނުންތަކުގެ ޚިދުމަތްދޭ ތަންތަން ހިންގުމުގެ ދާއިމީ ލައިސެންސް ފުރަތަމަ ފަހަރަށް ދޫކުރަން ފަށައިފިއެވެ.
މިއީ ކުރިން ދޫކުރަމުން އައި ވަގުތީ ލައިސެންސްގެ ބަދަލުގައި ދޫކުރަން ފަށާފައިވާ ދާއިމީ ލައިސެންސެކެވެ.
ޔޫއާރުއޭއިން ދޫކުރާ މި ލައިސެންސަކީ ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި ނަރުދަމާއާއި ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ދިނުމަށްޓަކައި ދޫކުރާ ލައިސެންސެކެވެ. މި ލައިސެންސް ދޫކުރަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުންނެވެ.
ޔޫއާރުއޭއިން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ދާއިމީ ލައިސެންސެއް ނެތި ޚިދުމަތް ދިނުމަކީ ޔޫއާރުއޭގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ. އަދި މިހާތަނަށް ވަނީ ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ބައެއް ފަރާތްތަކަށް ދާއިމީ ހިންގުމުގެ ލައިސަންސް ދޫކޮށްފައެވެ.
ޔޫއާރުއޭއިން ފާހަގަކުރައްވާ ގޮތުގައި މި ދާއިމީ ލައިސެންސް ދޫކުރަން ފެށުމުން ޔޫޓިލިޓީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކުރިއަރާނެއެވެ. މިއީ 2020 ވަނަ އަހަރު އުފެދުނު ޔޫއާރުއޭގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޔޫއާރުއޭގެ މަޤުޞަދަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި މި ޚިދުމަތްތައް ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގަވާއިދުތަކާއި މިންގަނޑުތައް ކަނޑައަޅައި، ބެލެހެއްޓުމެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.