އއ. ތޮއްޑޫގައި މަސައްކަތްކުރާ ތައިލޭންޑު އަންހެނަކަށް އޭނާގެ ސްޕޮންސަރ އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 26 ޑިސެންބަރު 2024 ވަނަ ދުވަހުގެ ހަވީރު 18:50 ހާއިރުއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އަނިޔާ ލިބުނު އަންހެނާއަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެއެވެ.

މި މައްސަލައިގައި އިތުރު ތަފްސީލު މިވަގުތު ހާމަކޮށްފައި ނުވިނަމަވެސް، ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަނިޔާގެ ޝިކާރައަކަށްވި އަންހެނާގެ ހާލަތާއި، އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ސްޕޮންސަރާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ބެލެވެއެވެ.

ބިދޭސީންނަށް އަނިޔާކުރުމަކީ ގާނޫނީ ގޮތުން މަނާކަމަކަށްވާއިރު މިފަދަ އަމަލުތަކަކީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކެއްވެސްމެއެވެ.