ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގައި ރާއްޖެއިން ފުރުން މަނާކޮށްފައިވާ 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްފިއެވެ.
ފުލުހުން، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގައި ޕާސްޕޯޓް ހިފެހެއްޓިފައިވާ 20 މީހުންގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށްފަހު، އެ އޮފީހުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް މި 9 މީހުންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނީ، އަމުރު ބާތިލުކުރެވުނު މީހުންގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި، އޭނާގެ ބޭބެ އަދި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށެވެ.
މި މައްސަލައަކީ މިދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ އިސްވެރިން ހިމެނޭގޮތަށް، ލިޔެކިޔުންތަކެއް ފޯޖުކޮށްގެން ގޯތި ހޯދުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި ފަޒުލްގެ ބޭބެ އާއި އިތުރު މީހަކު ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފައިވާކަން ސޯޝަލް މީޑިއާގައި ފެތުރުނު ލިޔުންތަކުން ހާމަވިއެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީން އެޗްޑީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ދެ މީހުން ބިންވެރިޔާ ސްކީމަށް އެޕްލައިކޮށްފައި ނުވާ ކަމަށާއި، އެ ދެ މީހުންނަށް ގޯތި ދޫކޮށްފައިނުވާ ކަމަށެވެ.
މި މައްސަލައިގައި ތަހުގީގު ކުރިއަށްދާއިރު، ފުލުހުން ވަނީ ބުނެފައި ފަޒީލަށް ގޯތީގެ ލިޔުން ދީފައިވަނީ ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށެވެ. ނަމަވެސް އަކްރަމް ވިދާޅުވެފައިވަނީ އުސޫލުން ބޭރުން އެއްވެސް މީހަކަށް އެއްވެސް ލިޔުމެއް ދީފައިނުވާ ކަމަށެވެ.
ފުލުހުން ދަނީ މިިމައްސަލަ .ތަހުގީގު ކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.