އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރު "ނަމާދު މަތިވެރިކުރުން" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި މުޖުތަމަޢުއަކީ ނަމާދަށް ލޯބިކުރާ ބަޔަކު އުޅޭ މުޖުތަމަޢުއަކަށް ހެދުމެވެ.

މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުޢާމަލާތުކުރުމުގެ ޒަމާނީ ޢިލްމީ އާގޮތްތައް ބޭނުންކޮށްގެންނެވެ. މި ޕްރޮގްރާމުގެ ދަށުން ނަމާދާގުޅޭ މީޑިއާގެ ޚާއްޞަ ބައިތަކާއި، އޮންލައިން އަދި އޮފްލައިން ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމުގެ ތެރެއިން ލައިބްރަރީތަކާއި، ދިރާސާތަކާއި، އިސްތިޝާރީ ލަފާދިނުމާއި، ވެބްސައިޓަކާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތްތައް ބޭއްވުމާއި، ނަމާދަށް ޚާއްޞަ މައުރަޒެއް ބޭއްވުންވެސް ހިމެނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ނަމާދުގެ މުހިންމުކަމާއި، ރުކުންތަކާއި، ސުންނަތްތަކާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމާއި، ސުންނަތާ އެއްގޮތަށް ނަމާދު ކުރާނެގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ހުރިހާ ހަރަކާތްތައް ފަރުމާކުރާނީ ހުރިހާ ފަންތިތަކަކަށްވެސް ތަފާތު ޕްރޮގްރާމްތައް ހިމަނައިގެންކަމަށްވެސް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މި ޕްރޮގްރާމުގެ ނަތީޖާ ވަޒަންކުރުމުގެ ގޮތުން، ޕްރޮގްރާމު ފެށުމުގެ ކުރިންނާއި އޭގެ ފަހުންވެސް ނަމާދަށް މީހުން އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރަށް ޚާއްސަކޮށްގެން ދީނީ ޝިޢާރު ފުޅާކުރުމަށްޓަކައި ކުރިއަށްގެންދާ އެތައް ޕްރޮގްރާމެއްގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމެވެ.