ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ އިއްޔެ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އަދި މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ވަޒީރު، ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ.
މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ތަރައްޤީ އަށްޓަކައި އެ ޤައުމުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާ، އިންޑިއާގެ ހިލޭއެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ދެ ޤައުމުން ވަނީ ސޮއި ކޮށްފައެވެ. ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅު ނިމި ރާއްޖެ ވަޑައިގަންނަވާނެ ތާރީޚެއް މި ވަގުތު ހާމަކުރައްވާފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.