މި އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި، އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ހާފިޡުން ހޯދާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާުނުކޮށްފިއެވެ.
ވުޒާރާގެ އިޢުލާނުގައިވާ ގޮތުން، މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދުކުރާން ބޭނުންވާ ދިވެހި ޙާފިޡުން، އެ ކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔުންތަކާ އެކު، އަންނަ މަހު 20ވަނަ ދުވަހު މެންދުރު 2:00ގެ ކުރީން ހުށަހަޅާން ޖެހޭ ކަމަށެވެ.
ރަށްރަށުގެ މިސްކިތްތަކުގައި ހިފްޡުކޮށް ތަރާވީޙު ނަމާދުކުރާން އެދޭ ދިވެހި ޙާފިޡުން އަންނަ ފެބްރުއަރީ މަހު ހަވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރީން ފޯމު ހުށަހަޅާން ޖެހެއެވެ.
މާލޭގެ މިސްކިތްތަކުގައި ތަރާވީޙު ނަމާދުކުރާން އެދި ފޯމު ހުށަހަޅާން ޖެހޭނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރަށެވެ. އަދި ރަށްރަށުގައި ނަމަ ފޯމު ހުށަހަޅާން ޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.
ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހޭނެއެވެ.
ހިފްޡުކޮށް، އިމާމުވެ ތަރާވީޙު ނަމާދުކުރާން އެދޭ ފޯމު ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓް އިސްލާމިކްއެފެއާޒް (މިލިންކަށް ފިތާލައްވާ) އިން ލިބޭން ހުންނާނެއެވެ.
ދިވެހި ޙާފިޡުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް -/500ރ. (ފަސް ސަތޭކަ ރުފިޔާ)އެވެ. ފައިސާ ދޫކުރާން ހަމަޖެހިފައިވަނީ ގިނަވެގެން ކޮންމެ މިސްކިތަކަށް ދިވެހި ދެ ޙާފިޡުންނަށެވެ.
މީގެ އިތުރަށް އިސްލާމީ މަރުކަޒާއި ސަލްމާނު ރަސްގެފާނު މިސްކިތުގައި ވެސް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޒުން ހޯދާން ވަނީ އިއުލާންކޮށްފައެވެ. އެ ދެ މަރުކަޒުގައި ތަރާވީޙު ނަމާދުކުރުމަށް ވެސް ފައިސާ ދޫކުރެވޭނީ ދިވެހި ދެ ޙާފިޡުންނަށް ނަމަވެސް، އެ ދެ މަރުކަޒުގައި އިމާމުވެ ނަމާދުކުރައްވާ ޙާފިޒުންނަށް، ކޮންމެ ރެޔަކަށް -/700ރ.ގެ އެލަވަންސެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.