ރާއްޖޭގައި ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ހޯދުމަށްޓަކައި ލޭ އެޕާއި އެހީ ޖަމްޢިއްޔާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ހޯދުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ.
ލޭ އެޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަޙްމަދު ޝާހިދެވެ. އަދި އެހީ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް އަޙްމަދު ޝިފާޢުއެވެ.
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުން ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ކެމްޕޭންތައް ހިންގުމަށާއި، ލޭ އެޕުގައި ޑޯނަރުން ރަޖިސްޓަރކުރުމަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި ލޭ އެޕު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދެ ފަރާތް ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ އިވެންޓްތައް ބޭއްވުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ލޭ އެޕަކީ ލޭ ހޯދުމާއި ހަދިޔާކުރުމުގެ މަސައްކަތް ފަސޭހަކުރުމަށް ތައްޔާރުކޮށްފައިވާ މޮބައިލް އެޕްލިކޭޝަނެކެވެ. މި އެޕް މެދުވެރިކޮށް ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ރިކުއެސްޓް ކުރެވޭނެއެވެ. އަދި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ލޭ ދިނުމަށް ކުރިމަތިލެވޭނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގައި ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ލިބި، ލޭ ބޭނުންވާ ފަރާތްތަކަށް އަވަހަށް ލޭ ލިބޭނެ މަގު ތަނަވަސްވެ، ލޭ ހަދިޔާކުރާ ފަރާތްތަކަށް ވެސް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ.
ލޭ އެޕުގައި ޑޯނަރުންގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބަލަހައްޓައި، ލޭ ހޯދަން އެދޭ ފަރާތްތަކާއި ލޭ ހަދިޔާކުރަން ތައްޔާރަށް ތިބި ފަރާތްތައް ސީދާ ގުޅުވައިދިނުމުގެ މަސައްކަތް ކުރެއެވެ. އަދި ޤަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް އެމީހުންގެ ޑޯނަރ ޕޫލް މެނޭޖްކުރުމަށާއި ސިއްޙީ ހާލަތު މޮނިޓަރކުރުމަށް އެހީތެރިވެދޭ ޚާއްޞަ ފީޗަރތަކެއްވެސް މި އެޕުގައި ހިމެނެއެވެ.
ލޭ އެޕު ވަނީ 11 ޖުލައި 2024 ގައި ޞިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ލޯންޗުކޮށްދެއްވާފައެވެ. އަދި ހަމަ އެ ދުވަހު ޞިއްޙީ ވުޒާރާ އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވަނީ ލޭ އެޕާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.