އައްޑޫ ސިޓީގެ ލިންކްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި، އެ މަސައްކަތް އިތުރު ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ އައްޑޫ ލިންކްރޯޑުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ސަރުކާރުން މެޝިނަރީޒް ހޯދައިގެން، ވީހާވެސް ޚަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. މި މަޝްރޫޢު ރަނގަޅު ފެންވަރަކަށް ނިންމުމަށް 400 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މިހާރު މަސައްކަތް ކުރިއަށްދަނީ ސީދާ ކޮސްޓް ޕްރައިޒްގައެވެ. ލިންކްރޯޑުގެ ތާރުއެޅުމުގެ ބައި އެހެން ކުންފުންޏަކާ ހަވާލުކުރި ނަމަވެސް، މަޝްރޫޢުގެ ބާކީ ހުރި މަގުތަކުގެ މަސައްކަތް ކުރިއަށްގެންދާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ.
މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ. އެތަނުގައި ރައްޔިތުން ބޭނުންވަނީ ތާރު އަޅާފައި ރައްޔިތުންނަށް ފަސޭހަވާނެގޮތް ހެދުން،" ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މި މަސައްކަތް ނިންމައި އާންމުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.