ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ގދ. ފިޔޯރީގައި ތަރައްގީކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތް މަސް ކާރުޚާނާގެ ތަފްސީލުތައް މިރޭ ހާމަކުރައްވައިފިއެވެ. ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. ފިޔޯރީއަށް ވަޑައިގެން މިރޭ އެރަށުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މި މަޢުލޫމާތު ހާމަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ފިޔޯރީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަސް ކާރުޚާނާގައި:
- ދުވާލަކު 100 ޓަނުގެ ދަޅު މަސް ބަންދުކުރެވޭނެ ކެޕޭސިޓީ
- 3000 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ވަސީލަތްތައް (ކޯލްޑް ސްޓޯރޭޖް)
- 100 ޓަނުގެ ފިޝްމީލް ޕްލާންޓެއް
- 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްޓަކައި އެއްބަސްވުން އެކުލަވާލައި، އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވި، އޭގެ ދެމަސް ދުވަހުގެ ތެރޭގައި ފެކްޓްރީގެ މަސައްކަތް ފިޔޯރީގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ހުވަދު އަތޮޅާއި އެ ސަރަހައްދުގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މަސްވެރިކަމަސްވެރިކަމުގެ ސިނާޢަތަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާ ކަމަށާއި، އެއީ ދިވެހިންގެ ލޭނާރު ކަމަށް ވެސް ވިދާޅުވިއެވެ.
މި މަސް ފެކްޓްރީ ގާއިމްކުރެވުމުން ހުވަދު އަތޮޅުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީއާއި މަހުގެ ބާވަތްތައް އުފެއްދުމުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.