ގދ. ރަތަފަންދޫގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، އެ ރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ރަތަފަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުން ކަމަށެވެ. އަދި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އޮޅުންފިލުވައި އަމަލީގޮތުން އެކަންކަމަށް ހައްލު ގެނައުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަތަފަންދޫގެ ބަނދަރު ތަރައްޤީކުރުމަކީ ރައްޔިތުން އެދޭ ކަމެއްކަން ފާހަގަކުރައްވައި، މިއަހަރު ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުތަކުގެ ތެރެއިން ރަތަފަންދޫގެ ބަނދަރުވެސް ތަރައްޤީ ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ރަށުގެ ސިއްޙީ މަރުކަޒަކީ ޖާގައިގެ ގޮތުންނާއި ޚިދުމަތުގެ ގޮތުން ފެންވަރު ރަނގަޅު ތަނަކަށް ހައްދަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަޢުދުވެވަޑައިގަތެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ރަތަފަންދޫގެ ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ފެންވަރު ރަނގަޅު ވޮލީ ކޯޓަކާއި އިންޑޯ ޖިމެއްގެ އިތުރުން ޒުވާނުންގެ މަރުކަޒެއް ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު ރަށުގައި ނުނިމި ހުރި ފެނާއި ނަރުދަމާގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސް ވިދާޅުވީ މިއަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި މުހިންމު ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަވާނެ ކަމަށާއި، މިއަހަރުގެ ބަޖެޓުގެ ތެރެއިން އިސްކަންދެއްވާނީ ވީހާވެސް ގިނަ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ.