ވޭތުވި 14މަސްދުވަހު މަސައްކަތްކުރީ ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް ކަމަށާއި ތަރައްގީގެ ނަފާލިބޭނީ ހަމަޖެހުން އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި އެހެންކަމުން ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ 14 މަސްދުވަހު އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ޤައުމުގެ ހަމަޖެހުން ޤާއިމުކުރުން ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ހިފާ ހައްޔަރުކޮށް، އަނިޔާ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"މިޤައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މިހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވާ ޤައުމުގެ ހަމަޖެހުން ޔަގީންކުރާނަން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މިއަހަރުގެ ތެރޭގައި ބަޖެޓުގެ ތެރެއިންނާއި ބޭންކުތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ. އަދި މި 5 އަހަރު ނިމިގެންދާއިރު ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ ފުރަތަމަ ގެދޮރު ލިބިފައި ހުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މާމެންދޫއަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި ތަރައްޤީ ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން މާމެންދޫގެ ބަނދަރު ތަރައްޤީކުރުމާއި ރަށުގެ ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ފައްޓަވާނެ ކަމަށާއި، ނަރުދަމާގެ މަސައްކަތް ނިންމަވާ، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.