ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރެވުނު 4000 ހައުސިންގ ޔުނިޓު ވީއެންމެ އަވަހަކަށް ރައްޔިތުންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މި 4000 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތައް މިހާރު ރިވިއުކުރަމުންދާ ކަމަށާއި، ވީހާވެސް އަވަހަކަށް މި ޔުނިޓުތައް އޭގެ ވެރިފަރާތްތަކަށް ދޫކުރުމަކީ ސަރުކާރުގެ އުއްމީދު ކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓު ޙައްޤުގޮތުގައި ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗާއި ފްލެޓު އަތުނުލައްވާނެ ކަމަށެވެ. ނަމަވެސް މަކަރާއި ހީލަތުން އަދި ފޯޖް ޑޮކިއުމަންޓްތަކުގެ ބޭނުންކޮށްގެން ހޯދާފައިވާ ފްލެޓުތަކާއި ގޯތިތައް، އަދި އޭ.ސީ.ސީގެ ތަޙުޤީޤަށް ހާމަވެފައިވާ ކޮރަޕްޝަންގެ ތެރެއިން ލިބިފައިވާ ގޯއްޗާއި ފްލެޓުތައް މީގެ ތެރެއިން އިސްތިސްނާވާނެ ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލަކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ މުހިންމު ހުރިހާ މަޝްރޫޢެއް މި މަހުގެ ތެރޭގައި ޢިއުލާންކުރައްވާ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މި މަޝްރޫޢުތައް ބޮޑަށް ބައްޓަންކުރެވޭނީ ސަރަޙައްދީ އުސޫލުން ކަމަށާއި، މިގޮތުން އުތުރުގެ ހުރިހާ ހައުސިންގ މަޝްރޫޢެއް އެއް ކޮންޓްރެކްޓަރެއް މެދުވެރިކޮށް ކުރުމުން ޚަރަދު ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ. މީގެ އިތުރުން، އަމިއްލައަށް ގެދޮރު ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށްޓަކައި 1 ބިލިއަން ރުފިޔާގެ ލޯން ސްކީމްތަކެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ މަސައްކަތް މިހާރު ވަނީ މިނިސްޓަރ މުއްޠަލިބްގެ މެންޑޭޓްގެ ތެރެއަށް ލެވިފައި ކަމަށެވެ. "މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް ވީހާވެސް އަވަހަކަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.