ކުޑަކުއްޖެއްގެ ކަންފަތުން ކަފަކޮޅުތަކެއް ނަގައިފިއެވެ.
ކަފަބުރު ބޭނުންކޮށްގެން ކަންފަތް ސާފުކުރުމަކީ ގިނަބަޔަކު ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ސާފުކުރުމުގެ ތެރޭގައި، ބޭނުންކުރާ ކަފަބުރުގެ ކޮޅުގައި ހުންނަ ކަފަކޮޅު ކަންފަތުގެ ތެރެއަށް ދިޔުމަކީ މަދަުން ނަމަވެސް ހިނގާ ކަމެކެވެ. އަދި ހަމަ މިބީދައިން ކަންފަތަށް އެއްޗެއް ކޮއްޕައިގެން ސާފު ކުރަން އުޅޭ އިރު “ކަންފަތު މަޑު” އެތެރެއަށް ދިއުމަކީ ފުރުސަތު ވަރަށް ބޮޑު ވެގެން ދެއެވެ.
މިފަދަ ކަންތައް ތަކުގެ ސަބަބުން، ކަންފަތުގެ ތޫރި ފަޅައިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންކަމުން ކަންފަތް ސާފު ކުރާއިރު ކަންފަތް ސާފުކުރާ ކަފަބުރު ބޭނުން ނުކުރުމަށް ޑަކްޓަރުން އަބަދުވެސް އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް ވަރަށް ގިނަ މީހުން ކަންފަތް ސާފުކުރަން ބޭނުން ކުރާ އެއްޗެކަށް ކަފަބުރު ވެފައިވެއެވެ.
ކަންފަތަށް އެއްޗެހި ކޮއްޕައިގެން ސާފުކުރުމުގެ ތެރޭގައި އެކި ކަހަލަ ހާދިސާތައް ވަރަށް ގިނައިން ހިނގައެވެ.. ރާއްޖޭގައިވެސް ދާދިފަހުން ވަނީ މިފަދަ ހާދިސާއެއް ހިނގައި ކުޑަކުއްޖެއްގެ ކަންފަތުން ކަފަކޮޅުތަކެއް ނަގާފައެވެ.
އެހާދިސާގައި ކުޑަކުއްޖާގެ ކަންފަތުން ކަފަކޮޅުތައް ނެންގެވި ކަރުންމަތީގެ ހާއްސަ ޑޮކްޓަރު ޑރ. މައުރޫފު ހުސެއިން ވިދާޅުވީ ކަފަބުރު ކަންފަތަށް ލުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އިންފެކްޝަން އުފެދުމާއި ކަންފަތަށް އަނިޔާވުމުގެ އިތުރުން ކަފަ ބުރު ނުވަތަ ބަޑް ގެ ކަފަކޮޅު ނެއްޓި ކަންފަތުގެ އެތެރޭގައި ހަރުލާފައި ހުންނަނީ މަދުން ނޫން ކަމަށެވެ.
އެ ކުޑަކުއްޖާގެ ކަންފަތުން ނެގި ކަފަކޮޅުތަކާއެކު މައުރޫފު ޓްވީޓް ކުރެއްވުމުން އާންމުން ވަނީ ކަންފަތް ސާފު ކުރަން ބޭނުން ކުރަންވީ ކޮން އެއްޗެއްތޯއާއި ކަންފަތް ކަހައިގަތުމުން ހަދާނީ ކިހިނެއްތޯ އަހާ އޭނާއާ ސުވާލު ކޮށްފައެވެ.
https://youtu.be/4K6RlzLXAtk
އެސުވާލުތަކަށް ޑރ. މައުރޫފު އަދި ޖަވާބު ދެއްވާފައެއް ނުވެއެވެ.
ކަންފަތުން ކަފަކޮޅުތަކެއް ނަގާފައި ވާއިރު ފާއިތުވީ، އޮގަސްޓުމަހު އައިޖީއެމްއެޗް އިން މީހެއްގެ ކަންފަތުން ވަނީ ކުރަތްޕެއް ވެސް ނަގާފައެވެ.
މީގެ އިތުރުންވެސް، ޕިން ދިރިގެން ޕިން ނަގަން ކުރަން ޖެހޭ އޮޕަރޭޝަންތައް މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭގެ ހޮސްޕިޓަލްތަކުން ވަނީ ކޮށްފައެވެ. އަދި ބައެއް ފަހަރު ކުޅޭ ތަކެތި ދިރުވައިގެން، ވެސް އެ ތަކެތި ނެގުމަށް ޚާއްސަ އޮޕަރޭޝަން ވަނީ ކޮށްފައެވެ.
އެފަދަ ހާދިސާތައް ގިނަވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ ބުރުގާ ޕިން އަނަގަޔަށް ލައިގެން ޕިން ޖެހުމާއި ކުޅޭ އެއްޗެހި އަނގަޔަށް ލައިގެން ދުވުން ފަދަ ކަންކަން ކުރުން ކަމަށް މީގެ ކުރިން ޑޮކްޓަރުން ވަނީ ބުނެފައެވެ.
ޑޮކްޓަރުން އަބަދުވެސް އަންނަނީ މިފަދަ އެއްޗެހި ގެންގުޅޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންނެވެ.
ކަންފަތުގައި ހުންނަ މަޑަކީ ކަންފަތަށް ވަންނަ ބެކްޓީރިއާ އާއި ހިރަފުހުން ކަންފަތް ސަލާމަތް ކުރުމަށް ގުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ. އެފަދަ މަޑަކީ އޭގެ ޒާތުގައި އުފެދި އޭގެ ޒާތުގައި ފަނާވެ ދާ އެއްޗެކެވެ. އެހެންނަމަވެސް ކަންފަތުގައި މަޑު ހުރެގެން އުނދަގޫ ވާނަމަ ކަންފަތަށް އޭތި މީތި “ނުކޮއްޕާ” ކަންފަތާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ހަޑިތައް ސާފު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.