އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފުވި 19 ކުންފުންޏަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، މި 19 ކުންފުނި ޖޫރިމަނާކުރުމުގެ އިތުރުން، އެ ފަރާތްތަކަށް މިނިސްޓްރީން ދީފައިވާ ލައިސަންސްވެސް ވަނީ ހިފަހައްޓާފައެވެ. އަދި މިނިސްޓްރީން ދީފައިވާ ހުއްދަ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށާއި އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އިން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާތީވެ އެކަން އިތުރަށް ބަލައި މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެކުންފުނި 30 ހާސް ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި މި މައްސަލަ ތަޙްޤީޤުކުރަން ޕޮލިހަށް ފޮނުވޭނެ." ޝަހީމު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ބައެއް ކުންފުނިތަކުން އެމްއެމްއޭއިން ޑޮލަރު ނަގާފައިވަނީ ފޭކު ޑޮކިއުމަންޓްތައް ހުށަހަޅައިގެންނެވެ. ޑޮލަރު ދޫކުރަނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުން ކަމަށް ވާއިރު، މި ފަރާތްތަކުން ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.