ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ރޭވުމުގައި ދަރިވަރުންގެ ކިޔެވުމަށް އިސްކަންދިނުމަށް ތަޢުލީމީ ވަޒީރު ގޮވާލައްވައިފި
ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެދިވަޑައިގަންނަވައިފިއެވެ. ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތަޢުލީމީ ވުޒާރާއިން މިގޮތަށް ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުން ކަމަށްވާ މި ބައްދަލުވުން ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަށެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމްކުރަމުން އަންނަގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
"އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާންޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް މޮނިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް. އަދި ދިވެހިރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑަރ ކުރަން ޖެހޭނެކަމަށް" ވަޒީރު ވިދާޅުވިއެވެިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުޅިވަރުގެ ހަރަކާތްތައް ހިންގަންވާނެއެވެ. ނަމަވެސް މިކަންކަން ރާވާއިރު މުޅި ތައުލީމީ ދާއިރާއިން ކުރާ މައިގަނޑު މަސައްކަތައް ބުރޫއަރައިގެން ނުވާނެއެވެ. އަދި ދަރިވަރުންނާއި ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި އެންމެ ބޮޑު އިސްކަމެއްދީ ވިސްނަންވާނީ ދަރިވަރުންނަށްކަން ވަޒީރު ވަނީ މަޝްވަރާ ބައްދަލުވުމުގެ އެންމެހައި ބައިވެރިންނަށް ގޮވާލައްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި 92 ބައިވެރިން ބައިވެރިވެއެވެ. އޭގެތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޖަމްޢިއްޔާތަކާއި، ކައުންސިލްތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުންނާއި، އިސްލާމިކް މިނިސްޓްރީ ފަދަ މުއައްސަސާތައް ހިމެނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.