ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތް ތިން މަރުހަލާއަކަށް ބަހާލެވިފައިވާ ކަމަށާއި، ފުރަތަމަ މަރުހަލާ ކަމުގައިވާ އިދާރީ އޮނިގަނޑު ޤާއިމުކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ސަޢީދު ވިދާޅުވެފައިވަނީ، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް އެކަނި ނޫން ކަމަށާއި، ކުރީގެ ސަރުކާރުން ދޫކޮށްލާފައި ދިޔަ "ބޮޑު ހައިޖާނެއް" ރަނގަޅުކޮށް، މާލީ ހަރުދަނާކަން ގެނެވިފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި އެއްވެސް ޒިންމާދާރުކަމެއް ނެތް ސަރުކާރެއް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑިވެލްޕްމަންޓް ބޭންކެއް އުފައްދާފައި ވަނީ މިއަހަރުގެ މޭ މަހުގެ 16ވަނަ ދުވަހުއެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.