ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިންވެސްވަނީ މިކަން އިޢުލާނު ކޮށްފައެވެ.

1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި މި ކަދުރު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ.

ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަމަހުގެ 6 އަކާއި ހަމައަށެވެ. މާލޭ ސަރަޙައްދުގައި މި ދުވަސްތަކުގައި ހެނދުނު 09:30 އިން މެންދުރު 13:00 އާ ހަމައަށް މި މަސައްކަތް ކުރިއަށްދާނެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި ނުވަތަ އަތޮޅުތަކަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި، ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

އާންމުންގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެކަމަށް ޝައުގުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެ ވުޒާރާގައި ނަން ނޯޓުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.