ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ 71% މުޅިން އައު ކައުންސިލް ޢިމާރާތްތަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަނގޮޅިތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު މިވާހަކަ ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ފާހަގަކުރެވުނު އެންމެ ބޮޑު އެއްކަމަކީ ކައުންސިލްތަކުގެ ޢިމާރާތްތައް ވީރާނާވާން ދޫކޮށްލެވިފައިވާ މަންޒަރުކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުވުމާއެކު، މާލީގޮތުންވެސް ތަނަވަސްކަން ކައުންސިލްތަކަށް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް މަސައްކަތްކުރެވޭނެ ފަހިވޭނެ ފަހި މާޙައުލެއް ހޯއްދަވާދެއްވުމަށް ރައީސް އިސްކަންދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިވަގުތު ކައުންސިލް ޢިމާރާތް ތަރައްޤީކުރުމުގެ 2 މަޝްރޫޢެއްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ފެށުމަށް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިންވެސް މިފަދަ މަޝްރޫޢެއްގެ ބިންގާ އަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން 1 ފަންގިފިލާއަށް ޢިމާރާތްކުރާ ތަންތަން އަހަރެއްގެ ތެރޭގައި އަދި 2 ފަންގިފިލާއަށް ތަރައްޤީކުރާ ތަންތަން ދޮޅު އަހަރުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރައްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން 55 ކައުންސިލެއް ތަރައްޤީކުރުމަށް ދައުލަތުގެ ބަޖެޓުން 36 މިލިއަން ޑޮލަރު ޚަރަދުކުރާނެކަމަށް ވެއެވެ. އަދި މި މަސައްކަތް ކުރުމަށް ހަމަމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކއި ހަވާލުކޮށްގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ.