ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތަށް ގުޅިފަޅު-ތިލަފުށި ޗެނަލް، މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ޗެނަލްތައް މިހާރުވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ކަނޑު އުޅަނދުފަހަރު މި ސަރަހައްދުތަކުން ދަތުރުކުރުން ރައްކާތެރިކަމަކަށް ނުވާތީ، މި ޗެނަލްތަކުން ދަތުރު ނުކުރަން ތަކުރާރުކޮށް އިލްތިމާސްކުރާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ ކުރިންވެސް، ރައްކާތެރިކަމަށްޓަކައި މި ދެ ކަނޑުއޮޅިން ކަނޑުގައި ދުއްވާ އުޅަނދު ނުދުއްވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެ ވުޒާރާއިން ވިދާޅުވެފައިވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއްކަމަށެވެ. ނަމަވެސް އެ ދެ ކަނޑުއޮޅިން އަދިވެސް އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށާއި، ވަކިން ޚާއްސަކޮށް ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންުރަމުން ގެންދާކަމަށް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

ތިލަމާލޭ ބްރިޖް މަޝްރޫއުއާގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްޕް އެލެވޭޓަޑް ޕްލެޓްފޯމްތައް ބޭނުންކޮށްގެން މި ދެ ކަނޑުއޮޅީގައި ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން، މި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން މި ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމުގެ ފުރުޞަތު އޮވެދާނެކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިންޒާރު ދެއްވާފައެވެ.