ހައުސިންގ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ހުޅުވާލަން ތައްޔާރުވަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މުއްޠޮލިބް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، އަތޮޅުތަކަށް އިޢުލާނުކުރެއްވި ހައުސިންގ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ސަރުކާރުން އަތޮޅުތަކުގައި ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދަން މިމަހު އިޢުލާންކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ ކ. ގުޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ، އެއްފަހަރާ އެތައް ހާސް ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ކޮންޓްރެކްޓަރުން ހޯދުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިކަމާ ގުޅޭ ޓެކްނިކަލް މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާއެކު ކުރަމުންދާ ކަމަށާއި، އަންނަ ހަފްތާގައި ކޮންޓްރެކްޓަރުން ހޯދުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފުރުޞަތު ދިވެހި ކުންފުނިތަކާއި އަދި ބޭރުގެ ކުންފުނިތަކަށްވެސް ހުޅުވާލާނެ ކަމަށާއި، ޕްރޮޖެކްޓްތަކަށް ހުޅުވާލާނީ ފައިނޭންސިންގެ އެކިއެކި ސްކީމްތަކުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަންނަ ހަފްތާގައި ޓެންޑަރިންގ ޕަބްލިޝް ކުރެވޭނެ. މަޝްރޫޢުތައް ގެންދާނެ ބަޖެޓުންވެސް، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންވެސް. އަދި ކޮންޓްރެކްޓަރާއި ދަޢުލަތުގެ ބަޖެޓުން ބައެއް ހިމެނޭގޮތަށްވެސް ގެންދާނަން. އަދި ބައެއް ޕްރޮޖެކްޓްތަކަށް ލޯނު ފެސިލިޓީވެސް ހޯދާނެ." ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި 20,000 ހައުސިންގ ޔުނިޓް އަދި ދެކުނުގައި 20,000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ހިންގެވުން ހިމެނެއެވެ. މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެތެރެއިން 1 ބިލިޔަން ރުފިޔާ ހިމަނާފައި ވަނީ އުމްރާނީ މަސައްކަތްތަކަށެވެ. ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ރަށްރަށުގައި ފަށާ ނުނިމި ހުރި މަސައްކަތްތައް އަވަސްކުރުމަށްވެސް ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޮޑު ހިލަ ނުލިބިގެން ނުނިމި ހުރި މަސައްކަތްތައް އަވަސްކުރުމަށް، ބޮޑުހިލައިގެ ބަލްކް ޝިޕްމަންޓްތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އައު މަޝްރޫޢުތައް އަވަހަށް ފެށޭނީ، ކުރިން ފަށާފައި ހުރި މަސައްކަތްތައް އަވަހަށް ނިންމުމުންކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގައި ސަރުކާރު ކުންފުނިތަކާ ގިނަ މަސައްކަތްތަކެއް ހަވާލުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ބިންހިއްކުން ފަދަ މަޝްރޫޢުތައް އަވަހަށްކުރުމަށް، ޑްރެޖަރާއި އިތުރު ވަސީލަތްތައްވެސް ހޯދުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.