ލިއޯ ޓްރޭޑިން ގއ ނިލަންދޫ އަދި ގއ ދާންދޫ ރައްޔިތުންނަށް ރަމަޟާން މަހަށް ހަދިޔާކުރި ކާޑުގެ ބާވަތްތަކާއެކު ދަތުރުކުރި ދޯނި ފަރަށް އަރައިފިއެވެ.
މި ހާދިސާއާ ގުޅިގެން ނިލަންދޫ ކައުންސިލުން ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އެޕޯސްޓުގައި ނިލަންދޫކައުންސިލުން ބުނެފައިވަނީ، މި ހާދިސާއަކީ ފުން ހިތާމައާއެކު ކުރިމަތިވި ކަމެއް ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ކަނޑުވެ ދިއުމުގެ އިތުރުން، ލިއޯ ޓްރޭޑިންގުގެ މުދަލަށް ލިބޭ ކޮންމެ ގެއްލުމަކީ ނިލަންދޫ ރައްޔިތުންނަށް ލިބިގެންދާ ގެއްލުމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން، ސަންގުޓީވީއަށް ދެއްވި މައުލޫމާތުގައި ގއ. ނިލަންދޫ ކައުންސިލުގެ ރައީސް ނާސިހު އިބްރާހިމް ވިދާޅުވީ، މި ދޯންޏަކީ ލިއޯ ޓްރޭޑިންގގެ ފަރާތުން ގއ. ނިލަންދޫއާއި ދާންދޫއަށް ކާޑުގެ ބާވަތްތައް އުފުލަމުންދިޔަ ދޯންޏެއް ކަމަށާއި ދޯނި އަރާފައިވަނީ ގއ. އެކެފަރު ފަރަށް ކަމަށެވެ.
ނާސިހު ވިދާޅުވީ، ހާދިސާގައި ދޯނި ހަލާކުވެ، ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ދޯނީގައި އުފުލަމުންދިޔަ 1075 ބަސްތާ ކާޑުގެ ބާވަތްތައް ކަނޑުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
މިވަގުތު ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތުގައި އެ އަތޮޅުގެ ބައެއް ރައްޔިތުންނާއި، އެމްއެންޑީއެފް ކޯސްޓްގާޑު އަދި ކުންފުނީގެ ފަރާތުންވެސް ބައިވެރިވަމުންދާ ކަމަށް ނާސިހު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.