ރާއްޖޭގެ ތިން ކައުންސިލަކަށް ހަތަރު ފަޅުރަށް މިއަދު ހަވާލުކޮށްފިއެވެ. މިއީ ރަށުގެ އިހުތިސާސުން ބޭރު ފަޅުރަށްތައް ވެސް ރަށު ފެންވަރުގައި އާންމު ރައްޔިތުން ކުރާ މަސައްކަތްތަކަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކަށް ބޭނުންކުރެވޭ ގޮތަށް ދޫކުރަން ހުޅުވާލި ފުރުސަތުގެ ދަށުން ދޫކުރެވުނު ފުރަތަމަ ފަޅުރަށްތަކެވެ. މި ފުރުސަތުގެ ދަށުން ހަވާލު ކުރި ރަށްތަކާއި ކައުންސިލުތައް:
- ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅުގެ ނެޔޮ،
- ދ. އަތޮޅު ކައުންސިލަށް އެ އަތޮޅުގެ މިނިމަސްގަލި
- ފެންފުށި، އަދި ލ. މާވަށް ކައުންސިލަށް އެ އަތޮޅުގެ ބޮޑުމާބުޅަލި
މި ފަޅުރަށްތައް ކައުންސިލްތަކާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން އެ ކައުންސިލްތަކާ ދެމެދު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވެއެވެ. ރައީސް އޮފީހުން މި ކަމާ ގުޅޭ ގޮތުން ބުނެފައިވަނީ މިއީ ރާއްޖޭގެ އެންމެ އަގު ބޮޑު އެސެޓްތައް ލާމަރުކަޒުކުރެވި ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި ދައުލަތުގެ ވަސީލަތްތައް ލާމަރުކަޒުކުރެވި، ކައުންސިލްތައް ބާރުވެރިކުރެވޭ ފުރަތަމަ ފަހަރު ކަމަށްވެސް ބުނެފައިވެއެވެ. މި ފުރުސަތު ހުޅުވާލުމުގެ ކުރިން، 18 ޖެނުއަރީ 2024 ގައި ރައީސް އޮފީހުން ވަނީ 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު' ގެޒެޓުކޮށްފައެވެ. މި ގަވާއިދުގެ ދަށުން އިހުތިސާސަށް އިތުރުކުރަން އެދި ކައުންސިލްތަކަށް ހުށަހެޅޭނެ ޖުމުލަ 28 ފަޅުރަށެއް ރައީސް އޮފީހުން ކަނޑައަޅާފައިވެއެވެ. ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ ބާކީހުރި ފަޅުރަށްތައް އިހުތިސާސަށް އިތުރުކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށެވެ. މި ފުރުސަތުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ރަށްތަކުގައި ގަސް ހެއްދުމާއި، ތަކެތި ގުދަންކުރުމާއި، މަސް ކައްކައި ހިއްކުމާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން ފަދަ އެކި ބާވަތުގެ މަސައްކަތްތައް ކުރެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.