13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދެމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ދިން މަޢުލޫމާތުގައި ބުނެފައިވަނީ، މި ހާދިސާގައި ކުއްޖާ ފިހިގެން ފަރުވާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި މި ވަގުތު އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގޭސް އުނދުން ޖެއްސުމަށްފަހު ލައިޓަރުން އުނދުން ރޯކުރި ވަގުތުއެވެ. މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓު ފިހިފައިވާކަމަށް ބެލެވެއެވެ. ނަމަވެސް، މި ވަގުތު އެ ކުއްޖާގެ ހާލަތު ސްޓޭބަލް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގައި އިތުރު ތަފްސީލުތައް ހާމަކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.