1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކައުންސިލްތަކުގެ ބިން ސަރުކާރުގެ ބޭނުމަށް ނެގޭ އިސްލާހު މަޖިލީހުން ބަލައިގެންފި

ރައްޔިތުންގެ މަޖިލިސް
މަރިޔަމް އަފީފާ
241ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކައުންސިލްތަކުގެ ބިންތައް ސަރުކާރުގެ ބޭނުމަށް ނެގޭ އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.

ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަކަމަށް 55 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.

ބިލު ބަލައިގަތުމާއެކު ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

300 × 250

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ. މިއީ އަމިއްލަގޮތުން ހުށަހަޅުއްވާފައިވާ ބިލެކެވެ.

ބިލު ހުށަހެޅުއްވި ސަބަބެއްކަމަށް މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ވިދާޅުވެފައިވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުން ކުރުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމަކީވެސް މި އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ވިދާޅުވިއެވެ.

މި އިސްލާހުގައި ޤާނޫނަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ

ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެން ވާނެކަމެއް ނޫން ކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި