ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހއ. އިހަވަންދޫގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިހަވަންދޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއްގެ ދަށުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަނެއް ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. މީގެ ކުރިން ރ. އަތޮޅު އުނގޫފާރުގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ.

މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓު އާންމުކޮށްފައެވެ. މި މަގުޗާޓުގެ ދަށުން، މިއަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައިވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކުގައި މި ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި ޚިދުމަތް ރަށްރަށުގައި ޤާއިމުކުރެވުމުން، ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.