1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުން މުހިންމު: މެޑަމް ސާޖިދާ

ސަ0
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
މަރްޔަމް ޝަފާ ސައީދު
183ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޫސުމީ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަ އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި ކޯވިޑު-19ގެ ދުވަސްވަރު ކާބޯތަކެތި ސަޕްލައިކުރުމަށް ދިމާވި ދަތިތަކާއެކު ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް ރާއްޖޭގައި ދަނޑުހެއްދުމުގެ މުހިންމުކަން ފާހަގަވިކަމަށް އެކަމަނާ ވިދާޅުވިއެވެ.

300 × 250

އެކަމަނާ ވިދާޅުވީ ދިވެހި ދަނޑުވެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. މީގެ ތެރޭގައި މީރުފެން ފަށަލަ ލޮނުވުމާއި ދުނިޔެ ހޫނުވުންފަދަ ކަންކަން ހިމެނެއެވެ. މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ޤުދުރަތީ ކާރިސާތަކުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި މިކަންކަމަށް ވިލުންތެރި ދަނޑުވެރި ނިޒާމެއް ޤާއިމްކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދަނޑުވެރިންނަށް މާކެޓު ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ފަސްޓް ލޭޑީ އަލިއަޅުއްވާލެއްވިއެވެ. "ރާއްޖެ މިއޮންނަނީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް. އެހެންވެ، ޑިމާންޑު އޮންނަ މާކެޓުތަކަށް ކާބޯތަކެތީގެ އުފެއްދުންތައް ވާޞިލުކުރުމުގައި އެބަ ދަތިތައް ދިމާވޭ. ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓު ހޯދޭނެ ގޮތްތަކެއް ޤާއިމްކުރަން އެބަ ޖެހޭ." އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށާއި ދަނޑުވެރިކަމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއްކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެއަށް ދީފައިވާ 21.95 މިލިޔަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި އެހީގެ ދަށުން ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް ކްލައިމެޓް ސްމާޓް އަރބަން ފާމިންގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ މާހިރުންނާއި ރާއްޖޭގެ ދަނޑުވެރިންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި