މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މި މަހުގެ އެއްވަނަ ދުވަހު ކިރާފައިވާ މަހަށްވާ 5.6 މިލިއަން ރުފިޔާ މިއަދު މަސްވެރިންނަށް ދޫކޮށްފިއެވެ.
މިފްކޯއިން މިކަން ހާމަކުރީ "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން މި މަހުގެ އެއްވަނަ ދުވަހު ޖުމުލަ 86 މަސްދޯންޏަކުން މިފްކޯގެ ސެންޓަރުތަކަށް މަސް ކިރާފައިވާއިރު، މި ދޯނިތަކަށް ޖުމުލަ 5،680،031 ރުފިޔާ ދައްކާފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. މި ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބޭނެ ކަމަށްވެސް މިފްކޯއިން ހާމަކޮށްފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި، މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.
އަދި މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ވިއްކުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން ގެންދާއިރު، މި ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ އުނިކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.