މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ނަޖިހާއި ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައި ހުރި ގެއެއް ހޯދައި، އެ ތަނުން މީހުން ހުސްކުރަން މާލެ ސިޓީ ކައުންސިލުން ގޭގެ ވެރިފަރާތަށް މިއަދު އަންގައިފިއެވެ.

މި މައްސަލަ ބެލުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު އެ ސަރަހައްދަށް ވަޑައިގެން އެ ތަން ބައްލަވާލެއްވިއެވެ. މޭޔަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެ ކާނުތަކަށް ނަޖިސް އެޅި ވަސް ދުވާތީ ސާފުކުރި ނަމަވެސް، ތަކުރާރުކޮށް އެ ކަން މެދުވެރިވާތީ، އެކި ފަހަރު މަތިން ބެލިއިރު، އަސްލު މައްސަލަ ދެނެގަނެވުނީ މުޅި މަގުގެ ދެ ފަރާތުން ކާނުތައް ނަގައި ބެލުމުންނެވެ.

މޭޔަރު އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި އެ ތަންތަން ބަންދުކުރަން މިހާރު އަންގައިފައިވާނެއެވެ. އަދި އެ މައްސަލަ ހައްލުކުރުމުން ނޫނީ އިތުރު ހުއްދަތަކެއް ކައުންސިލުން ދޫނުކުރާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ނަޖިސް ދޫކުރި ގޭގައި ދިރިއުޅޭ މީހުން ވެސް ހުސްކުރަން އަންގައިފައިވާ ކަމަށް މޭޔަރު ހާމަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، އެތަން ސާފު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އާއި މާލެ ސިޓީ ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި، އެ މައްސަލަ ބަލައި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.