ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްރީލަންކާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސުރިޔާއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގޮތް ސިޔާސަތުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ވަރުގަދަ ގުޅުމެއްކަމަށެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް އަވަށްޓެރިކަމާއި ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބިނާވެގެން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ސްރީލަންކާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވަނީ މިނިވަން ދުވަހަކީ ޤައުމީ ކުރިއެރުމާއި އެއްބައިވަންތަކަން ހޯދުމުގައި ސްރީލަންކާގެ ރައްޔިތުންގެ ވަރުގަދަ ޢަޒުމާއި ހިތްވަރުގެ ނިޝާނެއްކަމަށެވެ.

ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ އިސްތިޢުމާރީ ހިމާޔަތުގެ ދަށުން އެ ޤައުމު މިނިވަންވި ދުވަހާ ގުޅުވައިގެންނެވެ. އެ ޤައުމު އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވީ 1948 ވަނަ އަހަރުއެވެ. މިއަދު ފާހަގަކުރަނީ ސްރީލަންކާގެ 77 ވަނަ މިނިވަން ދުވަހެވެ.