ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ދަށުން، ކ. ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމައި އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި ކޯޓު ރަސްމީކޮށް ހުޅުވައިދެއްވީ އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ގުރައިދޫ ހޭންޑްބޯޅަ ކޯޓަކީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސައްކަތް ހުއްޓިފައި އޮތް ޕްރޮޖެކްޓެއް ކަމަށާއި، މި ކޯޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި ހޭންޑްބޯލް މޯލްޑިވްސްއިން ގަބޫލުކުރާ ސައިޒަށް ފައްތައިގެން ތަރައްޤީކޮށްފައިވާ މި ކޯޓުގެ މަސައްކަތް ނިންމުމަށް އަހަރެއްހާ ދުވަސް ހޭދަވި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކ. ގުރައިދޫއަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުން ގިނަ ރަށަކަށްވެފައި، އަންހެނުން އެންމެ އިސްކަންދޭ ކުޅިވަރުތަކުގެ ތެރޭގައި ހޭންޑްބޯޅަ ހިމެނޭކަން ފާހަގަކުރެވެއެވެ. މި ކޯޓު ހުޅުވުމާއެކު، ރަށުގެ ކުޅިވަރު ދިރުވައި، ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ދަށުން އިތުރު ޕްރޮޖެކްޓްތަކެއް ކުރިއަށްދާކަމަށް ސަރުކާރުން ވަނީ މަޢުލޫމާތު ދީފަައެވެ.