ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު މަޝްވަރާކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ބައްދަލުވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް، މިހާރު ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެހައިތަނަށް ބްރިޖުގެ 46.58 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން ކުރިން ފާޅުކުރެވުނު ނަމަވެސް، އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މަސައްކަތް އަވަސްވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި، ކުރިމަގުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އިތުރު މަސައްކަތްތައް ގުޅިގެން ކުރުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. މި މަޝްވަރާތަކުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.