ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 05:15 އިން ފެށިގެން 11:00 އާ ހަމައަށެވެ. އެ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ، ހުރިހާ ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަަށް އިލްތިމާސް ކުރައްވާފައެވެ.