ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ވަޑައިގެންފިއެވެ. ރައީސް ޑރ މުއިއްޒަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ.

މިއަދު ހެނދުނު 9:00 ގައި ފެށުނު ޖަލްސާގެ އެޖެންޑާގައި ހިމެނެނީ ހަމައެކަނި ރިޔާސީ ބަޔާން އިއްވެވުމެވެ. މިއީ ރައީސް ޑރ މުއިއްޒު ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެ. އަދި 20 ވަނަ މަޖިލީހުގައި އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާނަކީ ކޮންމެ އަހަރަކު އެއްފަހަރު، ޤައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ގޮތަށް އިއްވަވާ ބަޔާނެކެވެ.

ރައީސް ޑރ މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވީ މިދިޔަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އޭރު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު އަސްލަމެވެ.