ސުވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގެ ތެރެއިން، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ޓެލެމެޑިސިންގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ކުރިއެރުވުމާއި ޔުނިވަރސަލް ހެލްތު ކެއަރގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ވަޒީރު ނާޡިމް މި ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި، ޓެލެމެޑިސިންގެ ދާއިރާ ފުޅާކޮށް އަތޮޅުތަކުން ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، އީޖާދީ ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ އިތުރުން، އެމެޖެންސީ މެޑިކަލް ސަރވިސްގެ ޚިދުމަތް ހަރުދަނާކުރުމާއި، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް، ރާއްޖޭގައި ދުންފަތުގެ ބޭނުންކުރުން ކޮންޓްރޯލްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި މިކަމުގައި ޑަބްލިއުއެޗްއޯގެ ފުރިހަމަ އެހީތެރިކަން ލިބިދެވޭނެކަން އަންގަވާފައިވެއެވެ.
ޞިއްޙީ ވަޒީރު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލާ ބައްދަލުކުރެއްވުން
މި ބައްދަލުވުން ނިމުނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގައި، ޚާއްޞަކޮށް ޓެލެމެޑިސިންގެ ދާއިރާއާއި ޑިޖިޓަލް ހެލްތުގެ ދާއިރާ އަދި އިމަޖެންސީ މެޑިކަލް ސަރވިސްގެ ކަންކަން އިތުރަށް ތަރައްޤީކުރުމުގައި ޑަބްލިއުއެޗްއޯގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަޤީންކަން އެ ޖަމްޢިއްޔާގެ ފަރާތުން އަރުވަމުންނެވެ.
މީގެ އިތުރުން، ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި ޑަބްލިއުއެޗްއޯގެ ހެލްތު ފައިނޭންސް ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނެޝެނަލް އެސެންޝިއަލް މެޑިސިން ލިސްޓު އެކުލަވާލުމުގައި އެ ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ނާޡިމް ވަނީ ޞިއްޙީ ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ދުރާލާ ބަލިތަކުން މީހުން ރައްކާތެރިކުރުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ރާއްޖޭގައި އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ބައިވެރިވުމާއި އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.