މި ސަރުކާރަކީ މަގުމަތިވެފައި ތިބި ޒުވާނުންނާއި މުޖުތަމަޢުގެ ތެރޭގައި އަޅާނުލެވި ހަވާސާވެފައި ތިބި ޒުވާނުންނަށް އޯގާތެރިކަމާއެކު އަޅާލާ ސަރުކާރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު ފަރުވާ ނުފެށި 700 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަށް ފަރުވާ ފަށައި، ގިނަ ބަޔަކަށް ފަރުވާ ދީ ނިންމާފައިވާ ކަމަށެވެ.
"މާލޭގެ މަގުމަތީގައި ސަލާންޖެހުމާއި ޑްރަގް ބޭނުންކޮށްގެން މަގުމައްޗަށް ވެއްޓި ތިބޭ މަންޒަރު މިހާރު މަދުވާނެ. އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ރިމާންޑް ސެންޓަރުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޑްރަގް ޑިމާންޑް ދަށްކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ މި އަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ގާއިމްކުރާ މަރުކަޒުތައް މި އަހަރުގެ ތެރޭގައި ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރާ ގޭންގްތައް ހަދައިގެން ކުށްކުރުމުގެ ސަގާފަތެއް އޮތް ކަމަށާއި، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަދަދު އޮތީ ނޭނގޭ ހިސާބެއްގައި ކަމަށެވެ.
"ރައީސް ޑރ. މުޢިއްޒު ގާއިމްކޮށްފައި ވަނީ ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލުމުގެ އޯގާތެރި ސަރުކާރެއް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ބައޯމެޓްރިކްސް ނަގާ އެ މީހުން ޤާނޫނުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ހޯޕް އައިލެންޑްގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.