މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ސަރުކާރުގެ މައި ޕާޓީ ޕްރޮގްރެސިވް ނޭޝަންސް ކޮންގްރެސް (ޕީއެންސީ) އަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި، 37 ގޮނޑީގެ ތެރެއިން ވާދަނުކޮށް 24 ގޮނޑި އަދި އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ހިމެނޭގޮތަށް، ޖުމުލަ 33 ގޮނޑި ޕީއެންސީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ. މީގެ ތެރޭގައި އަތޮޅު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑިއާއި، ރަށު ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި އަދި ރަށު ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން 29 ގޮނޑި ހިމެނެއެވެ.
https://twitter.com/mmuizzu/status/1888266462038757778?s=46&t=xXWWl1GMegXeppP8nS39IQ
މި ކާމިޔާބީއާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ މާތްﷲ އަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށާއި، "އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި، އިންތިޚާބުގައި މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށާއި ވޯޓުލެއްވި ލޮބުވެތި ރައްޔިތުންނަށް ޝުކުރު" އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މަޢުލޫމާތުގެ މަތިން، މިއަދުގެ އިންތިޚާބުތަކުގައި 6،275 މީހުން ވޯޓުލާފައިވާއިރު، އެއީ ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ 55.4 ޕަސަންޓެވެ. މިއަދު ބޭއްވުނީ ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި ދިހަ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމުގެ އިންތިޚާބެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.