ބޫޓާނާއި، ކުވައިތާއި، ސްވިސް ފެޑެރޭޝަނަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާކުރުމަށް މިއަދު ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މި ގޮތުން، ބޫޓާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް ހުށަހަޅުއްވާފައިވަނީ ބަންގްލަދޭޝްގައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު އެވެ.
ކުވެއިތަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް ހުށަހަޅުއްވާފައިވަނީ ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އެވެ. އަދި ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް ހުށަހަޅުއްވާފައިވަނީ ޖެނީވާގައި ހުންނަ އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
މި މައްސަލައާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކޮށް، މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.