މީހަކު މަރާލަން ރޭވުމުގެ ތުހުމަތުގައި ގދ. ވާދޫއަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެއް ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.

ޖަމާއަތް ހަދައިގެން ހަތިޔާރާއި ނުރައްކާތެރި އާލާތްތައް ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މި ޒުވާނާގެ ބަންދު އަމުރު އިއްޔެ ކްރިމިނަލް ކޯޓުން ނެރުނެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ހިނގަމުންދާ މާރާމާރީތަކަކާ ގުޅުންހުރި މައްސަލައެކެވެ. އަދި މި މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އިތުރު މާރާމާރީތައް ހިންގުމަށް ރާވައި، ގަސްތުގައި މީހަކު މަރާލުމަށް ރޭވުންތައް ރާވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ހައްޔަރުކުރެވުނު ޒުވާނާއަކީ މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާއަކީ އަނެއް ގްރޫޕްގެ މީހުން ހޯދުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތެއްކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާގެ ހަމައެކަނި ކުށަކީ އެހެން ބަޔަކު ދިން ތަނެއްގައި ނިދާފައި އޮތުން ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އޭނާ ނިދާފައި އޮތް ތަނަކީ އެއް ގްރޫޕެއްގެ މީހުން މާރާމާރީ ހިންގުމަށް ރާވައި، އެކަމަށް ބޭނުންވާ ތަކެތި ފޮރުވާ ސޭފް ހައުސްއެކެވެ. އަދި 2024 ވަނަ އަހަރު މި ގްރޫޕާ ގުޅުންހުރި މާރާމާރީއެއްގައި 21 މީހުން ހައްޔަރުކުރިއިރުވެސް މި ޒުވާނާ ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.